ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރުފިޔާ ކާޑުގެ އޮންލައިން ލިމިޓަށް ބަދަލުގެނައި ސަބަބު ބީއެމްއެލްއިން އިތުރަށް ސާފުކޮށްދީފި

ރުފިޔާ ކާޑުގެ އޮންލައިން ލިމިޓަށް ބަދަލުގެނައި ސަބަބު ބީއެމްއެލްއިން އިތުރަށް ސާފުކޮށްދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުގައި ވިޔަފާރިކުރެވޭ މިންވަރަށް ބަދަލުތަކެއް ގެނައީ، ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ޑޮލަރު އިގްތިސާދު ކުރުމުގެ މަގުސަދުގައި ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

މިފަދަ ބަދަލެއް ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތަކަށް ވިއްކަން ޖެހިފައިވާތީ ކަމަށް ބޭންކުން ބުނެއެވެ.

ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން މިހާރުވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ވިއްކަމުންދާއިރު، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު މިހާރު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.

މި ބަދަލާއެކު އޮންލައިން ސައިޓްތަކުން ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއް ބޭންކުން މިހާރު ބޭނުންކުރަމުންދާއިރު، އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރިއެއް ނުކުރެވޭނެއެވެ.

ނަމަވެސް އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރުލެއް ނާންނާނެ ކަމަށާއި، ބަޖެޓް ހަމަވުމުން ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ނޮޓިފިކޭޝަން ފޮނުވާނެ ކަމަށާއި، ޑޮލަރު އެކައުންޓް ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންނާއި ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ކާޑު ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް އަމިއްލަ ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށާއި، އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ބޭނުންކުރެވޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި މިފަދަ މުއާމަލާތްތަކުން ބޭންކުގެ އާމްދަނީ އިތުރުވި ނަމަވެސް، އިގްތިސާދީ ހާލަތަށް ބަލައި ޑޮލަރު އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން މަޖުބޫރުވީއެވެ.

ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ ލިމިޓަށް ކުރިމަގުގައި ބަދަލުތައް ގެންނާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.