ވައިގެ މަގުން އެތެރެކުރި ޑްރަގް މައްސަލައިގައި އިތުރު 13 ކިލޯ އަތުލައިގަނެ، ތިން މީހަކު ބަންދުކޮށްފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ހަތް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނިކޮށް، މާލޭގެ އެޕާޓްމަންޓުތަކަކުން އިތުރު 13 ކިލޯގެ މަސްތުވާތަކެތި ފެނި ޖުމްލަ 21 ކިލޯގެ ޑްރަގް އަތުލައިގަނެފިއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން ފެށީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި ފްލައިޓަކުން ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ. އެ ތަކެތި އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށީ އަންގާރަ ދުވަހުއެވެ.
Ads by BMLމި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، އަބްދުﷲ ރާއިފް (27އ) އާއި ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ ޖޯޝިމް އުއްޑިން (43އ) އަދި މަމުން ދަލި (32އ) އެވެ. މި މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދިވެހި މީހާ ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނި ގޮތުގައި މި ތަހުގީގުގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ފާސްކުރިއިރު، އެތަންތަނުން އިތުރު 13 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ކަސްޓަމްސް އިން އަތުލައިގަތް ތަކެއްޗާއެކު، މި މައްސަލައިގައި މިހާތަނަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަން 21 ކިލޯއަށް އަރައެވެ.
Ads by MACL
