ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިދިޔަ ބުދަ ދުވަހު ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ، އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ޖިންސީ ގޯނާގެ މައްސަލައެއްގެ ތަހުގީގަށް ފަހުގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ކުޑަކުއްޖަކާ ގުޅުންހުރި މިފަދަ ނާޒުކު އަދި ސީރިއަސް މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ދަނީ އިތުރު ތަފްސީލުތައް ހޯދައި ތަހުގީގު ކުރިއަށް ގެންދަމުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށްވާއިރު، މި ހާދިސާ ހިނގި ރަށާއި އަދި އަނިޔާ ލިބުނު ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
Ads by MACL
