ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ޖިނާއީ ކުށެއް: ފުލުހުންގެ ހަރުކަށި އިންޒާރެއް
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފަސޭހައިން ފައިސާ ހޯދޭނެ ކަމަށް ބުނެ ބޭންކް އެކައުންޓާއި ކާޑު ކުއްޔަށް ހިފާ މައްސަލަ ބޮޑުވެ، އެއީ ގާނޫނީ ގޮތުން ބޮޑު ކުށެއް ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކުރި ގޮތުގައި، މި ފަދަ އަމަލުތަކަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަމަކަށް ވާތީ، އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެއެވެ.
ފަހަކަށް އައިސް ޓިކްޓޮކާއި ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކުގައި "އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ފަދަ އިޝްތިހާރުތައް އާންމުވަމުންދާ ކަން ފުލުހުން ފާހަގަކުރެއެވެ. މިފަދަ އިޝްތިހާރުތަކަށް ހެއްލިގެން އަމިއްލަ އެކައުންޓުގެ މައުލޫމާތާއި، ކާޑުގެ ޕިން ނަންބަރު ނުވަތަ އޯޓީޕީ (OTP) ފަދަ ސިއްރު މައުލޫމާތު ދިނުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
Ads by BMLފުލުހުން ބުނި ގޮތުގައި ބޭންކް އެކައުންޓަކީ އެ މީހެއްގެ އަމިއްލަ މިލްކަކަށް ވާއިރު، އެ އެކައުންޓް ބޭނުންކޮށްގެން ހިންގާ ކޮންމެ މުއާމަލާތަކަށް ޒިންމާވާން ޖެހޭނީ ސީދާ އެކައުންޓުގެ ވެރިފަރާތުންނެވެ. އެހެންކަމުން، އެހެން ބަޔަކު އެ އެކައުންޓް މެދުވެރިކޮށް ކުށެއް ކުރި ނަމަވެސް، އޭގެ ޖިނާއީ ދައުވާ އުފުލި، ބޭންކިން ހިދުމަތްތަކުން މުޅި އުމުރަށް މަހްރޫމްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ފުލުހުން ހަނދާންކޮށްދިނެވެ.
މި މައްސަލައިގައި ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ހާއްސަ ތަހުގީގުތަކެއް ފަށާފައިވާ އިރު، އެކައުންޓް ކުއްޔަށް ދޭ މީހުންނާއި ނަގާ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އަދި މިފަދަ ޝައްކުކުރެވޭ އިޝްތިހާރުތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށާއި، އެފަދަ ކަމެއް ފެނިއްޖެ ނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، ބޭންކް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޭނުންކޮށްގެން ނާޖާއިޒު މުއާމަލާތްތައް ހިންގާކަން ބީއެމްއެލް އިން ވެސް ފާހަގަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރު ތެރޭގައި އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސްގެން ބޭރު ފައިސާ ނެގި މައްސަލައެއް ފަދަ ސީރިއަސް މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ.
Ads by MACL
