ތިނަދޫ "ކިޑްސް އެތްލެޓިކްސް ޑޭ ރަން " އަށް ބޮޑު ތަރުހީބެއް، މިއީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އިވެންޓު
ބައިނަލްއަގުވާމީ ކިޑްސް އެތްލެޓިކްސް ދުވަހުގެ މުނާސަބަތުގައި ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ ދުވުމަށް އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމަކާއި ތަރުހީބެއް ލިބިއްޖެއެވެ.

މި ހަރަކާތަކީ ކުޑަކުދިންގެ މެދުގައި ކުޅިވަރާއި ދުޅަހެޔޮކަމުގެ އިތުރުން އެކުވެރިކަމާއި އެއްބައެއްވަންތަކަން އިތުރުކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.

އެތްލެޓިކްސް އެސޯސިއޭޝަނާއި ރައުހަތު ސްޕޯޓްސް ގުޅިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގައި އިންތިޒާމުކުރި މި ދުވުމުގައި އެ ސިޓީގެ ތިން ސްކޫލަކުން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
Ads by BML
އޭގެ ތެރޭގައި ގދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަބޫބަކުރު ސްކޫލްގެ އިތުރުން ތިނަދޫ ސްކޫލްގެ ދަރިވަރުން ހިމެނެއެވެ.
މި އިވެންޓަކީ މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ހަރަކާތްކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ އެތްލެޓިކްސް ދުވަސް ފާހަގަކުރުމަށް ބާއްވާ މި ދުވުމަކީ، ގައުމުތަކުގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ބައިވެރިވާ އެއް އިވެންޓެވެ. ތިނަދޫގައި ބޭއްވުނު މި ހަރަކާތުން ވެސް ފެނިގެންދިޔައީ ކުޅިވަރަށް އޮތް ބޮޑު ޝައުގުވެރިކަމެވެ.

މި ހަރަކާތުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާވެ، އެތްލެޓިކްސްގެ ތަފާތު ހަރަކާތްތަކަށް ކުދިން އަހުލުވެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކުރެއެވެ
Ads by MACL
