ފަހިދިރިއުޅުން ކޯޕަރޭޝަންގެ މަސައްކަތް ނުހުއްޓޭ: އެމްޑީ ހަމްދާން
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4,000 ހައުސިންގް ޔުނިޓްގެ ގޯތިތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މަސައްކަތްތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަންގެ މެނޭޖިންގް ދިރެކްޓަރ ހަމްދާން ޝަކީލް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ހަމްދާން ވިދާޅުވީ، މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.
މަސައްކަތުގެ ހަލުވިމިން ހުރިގޮތް ސާބިތުކޮށްދެއްވުމަށްޓަކައި، ބުރާސްފަތި ދުވަހުވެސް ސައިޓުގައި އަމަލީ މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ހަމްދާން ވަނީ އާންމުކުރައްވާފައެވެ. އޭނާ ވިދާޅުވީ ހުކުރު ދުވަހު ހެނދުނު ހޭލައިގެން ދޮގު މައުލޫމާތު ފެތުރުމުގެ ބަދަލުގައި، ހަގީގަތް ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ފްލެޓްތަކުގެ ކައިރީގައި ދުވާރު ނުވަތަ ފުޓްޕާތް ހެދުމުގެ މަސައްކަތެވެ. މިއީ ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި، އެ ފަރާތްތަކުގެ އެދުމުގެ މަތިން ތަރުތީބުކޮށްފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގޯތިތެރެ ފެހިކުރުމާއި ޕޭވިންގް ބްލޮކް ޖެހުމުގެ މަސައްކަތްތައް ފެށޭނީ ދުވާރުތަކުގެ މަސައްކަތް މުޅިން ނިމުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަލުވިކަމާއެކު ނިންމުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެފްޑީސީން ދަނީ ފްލެޓްތަކުގެ ބާކީ ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައި، ވީއެންމެ އަވަހަކަށް ރައްޔިތުންނަށް އެތަންތަން ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
