ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެކުނު އެމެރިކާގެ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނިގެން ރާއްޖެއިން މޮނިޓަރ ކުރަން ފަށައިފި

ދެކުނު އެމެރިކާގެ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނިގެން ރާއްޖެއިން މޮނިޓަރ ކުރަން ފަށައިފި

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ކްރޫޒް ލައިނަރ އަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) މެދުވެރިކޮށް އެ މައްސަލަ ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.

އެޗް.ޕީ.އޭ އިން ހާމަކުރި ގޮތުގައި، މި ބައްޔާ ގުޅޭ ކަންކަން ބަލަމުންދިޔަ ނަމަވެސް، މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް މިހާތަނަށް ރާއްޖެއިން ފާހަގަކުރެވިފައި ނުވާކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.

ބަލީގެ ހާލަތަށް ރިއާޔަތްކޮށް އެޗް.ޕީ.އޭ އިން ބުނީ، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ ނުވަތަ ރިސްކް އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ.

މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދުނިޔޭގެ ސިއްހީ އިދާރާތަކުން ލިބެމުންދާ ވަރަކަށް، އާންމުންނަށް އެ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ އެޖެންސީން ވަނީ ދީފައެވެ.