ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތީގެ "ކެފޭ" އެއް ބަންދުކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޓު އަމުރެއް ނެރެފި

ކްރިމިނަލް ކޯޓް --- ފޮޓޯ: ދިޔަރެސް
ކްރިމިނަލް ކޯޓް --- ފޮޓޯ: ދިޔަރެސް

މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން ނުވަތަ "ޑްރަގް ކެފޭ" ތައް ހުއްޓުވުމަށް ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން، މާލޭގެ ގެއެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ތާރީޚީ އަމުރެއް ނެރެފިއެވެ.

މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ފަހުން ގެނައި ބަދަލުތަކާ އެކު، މިފަދަ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ރާއްޖޭގެ ކޯޓަކުން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ މާލޭގެ ހެންވޭރުގައި ހުންނަ "ހ. ގުންޒަރު" ބަންދުކުރުމަށެވެ. މިދިޔަ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ގެ ބަންދުކުރުމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން ހުއްޓުވުމުގެ ބާރު ފުލުހުންނާއި ކޯޓުތަކަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އެ އިސްލާހުގައިވާ ގޮތުން، މިފަދަ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ލިބޭއިރު، ތިން މަސް ދުވަހަށްވުރެ އިތުރުނުވާ ގޮތަށް އެ ތަންތަން ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބިދެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ބޮޑު ކުށެކެވެ. އެ ކުށަށް 5 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކަނޑައެޅިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ތަނެއްގައި މަސްތުވާތަކެތީގެ ހިދުމަތް ދޭކަން އެނގި ހުރެ، އެކަން ހުއްދަކުރުން ނުވަތަ އެކަމަށް ފުރުސަތު ދިނުމަކީ އެ ތަނުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ވެސް ކުށްވެރިވާނެ ކަމެކެވެ. މިފަދަ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތަކެއް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދައާ ނުލައި ވަދެނުކުމެ އުޅުމަކީ ވެސް މަނާކަމެކެވެ. އަދި އެފަދަ ތަންތަނަށް ވަންނަ މީހުންނާއި، އެ ތަންތަނަށް ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.