ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ---
ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ---

ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ރޭގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މި ހަމަލާއާ ގުޅިގެން އޭނާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 12 ޖަހާ އެހާކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަނިޔާވި މީހާގެ ވަނަވަރު ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އެއީ މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރެވެ. އޭނާއަށް މި ހަމަލާ އަމާޒުވީ މާލޭގެ ކޮން ސަރަހައްދަކުން ކަމާއި، ހަމަލާ ދިނުމަށް ބޭނުންކުރީ ކޮން ބާވަތެއްގެ ހަތިޔާރެއްކަން އަދި ސާފެއް ނުވެއެވެ.

ހޮސްޕިޓަލުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ނާޒިމްގެ ހާލު ސީރިއަސްއެއް ނޫނެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި އޭނާ ހޮސްޕިޓަލުން ދޫކޮށްލިކަމެއް މިހާތަނަށް ކަށަވަރެއް ނުވެއެވެ.

މި ނުރައްކާތެރި ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.