ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕްގެ ރަސްމީ ލަވަ 'ޑައި ޑައި' ގެ ޓީޒާ ދައްކާލައިފި، މިއީ ޝަކީރާ ފޭނުންނަށް ދިން ބޮޑު ސަޕްރައިޒެއް!

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޝަކީރާ.. އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ރީތި ލަވައެއް ގެނެސްދޭން ނިންމާފައި
ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޝަކީރާ.. އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ރީތި ލަވައެއް ގެނެސްދޭން ނިންމާފައި

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ، މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލަވަ "ޑައި ޑައި"ގެ ޓީޒާ ދައްކާލައި ފޭނުންނަށް ބޮޑު ސަޕްރައިޒެއް ދީފިއެވެ. މި ލަވައިގެ ޓީޒާ ދައްކާލި ނަމަވެސް ރަސްމީކޮށް ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 14 މެއި 2026 ގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝަކީރާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޓީޒާއަކާއެކު ބުނެފައިވަނީ، މަރަކާނާ ސްޓޭޑިއަމްގައި ތައްޔާރުކޮށްފައިވާ މި ލަވައަކީ ނައިޖީރިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބާނާ ބޯއީއާ ގުޅިގެން ތައްޔާރުކޮށްފައިވާ ލަވައެއް ކަމަށެވެ. އިޓަލީ ބަހުން "އާދޭ، އާދޭ" ގެ މާނަދޭހަވާ މި ލަވަ ކިޔާފައިވަނީ އިނގިރޭސި ބަހާއި ސްޕެނިޝް ބަހުންނެވެ.

ފޭނުންގެ ބޮޑު ތަރުހީބެއް


ވޯލްޑް ކަޕަށް ހާއްސަކޮށް ފީފާއިން ކުރިން ނެރުނު ލަވަތަކަށް ފޭނުންގެ މާބޮޑު ތަރުހީބެއް ލިބިފައިނުވާއިރު، ޝަކީރާގެ މި ވޯލްޑް ކަޕް ލަވައިގެ ޓީޒާއާއިއެކު ގިނަ ބަޔަކަށް ވަނީ ބޮޑު ސަޕްރައިޒެއް ލިބިފައެވެ. އަދި މި ލަވައިގެން ފުރިހަމަ ކަމަށް ޝަކީރާގެ ފޭނުން ވަނީ އުފާ ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ފޭނުން ބުނަމުންދަނީ ޝަކީރާ ނެތި ވޯލްޑް ކަޕެއް ފުރިހަމަ ނުވާނެ ކަމަށެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕް ވެސް އާދަޔާއި ޚިލާފު ފޯރިގަދަ ލަވަޔަކުން މިފަހަރުގެ މުބާރާތުގެ ފޯރި އިތުރަށް ގަދަކޮށްދީފައިވާކަމަށް ފޭނުންދަނީ ބުނަމުންނެވެ.

ޝަކީރާއަކީ މީގެ ކުރިން 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވުނު ވޯލްޑް ކަޕަށް ހާއްސަކޮށް ނެރުނު "ވާކާ ވާކާ" ލަވައިން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ފަންނާނެކެވެ. މި ލަވަޔަކީ އަދިވެސް ދުނިޔޭގައި ވަރަށް ބޮޑަށް ސަމާލުކަން ލިބިފައިވާ ލައެކެވެ. އެ ލަވައިން ވޯލްޑް ކަޕްގެ ހަނދާންތައް އަދިވެސް ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަކުގައި އާލާކޮށްދޭކަމަށް ގިނަ ބަޔަކު ބުނެއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެރުނު "ލާ ލާ ލާ" ލަވައަކީ ވެސް ހިތްގައިމު ލަވައެކެވެ. މި ލަވައިން ވެސް ޝަކީރާއަށް ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ. މި ލަވަ ވެގެން ގޮސްފައިވަނީ ޝަކީރާ ފީފާގެ ރަސްމީ ވޯލްޑް ކަޕް ކިޔައިދިން ދެވަނަ ލަވަޔަށެވެ.

2026 ގެ ވޯލްޑް ކަޕް


މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ގުޅިގެން ބާއްވާ މި އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖުލައި 19 ގައެވެ. ފީފާއިން މިހާތަނަށް ވަނީ މި މުބާރާތުގެ އަލްބަމުން ތިން ލަވައެއް ދައްކާލާފައެވެ. އެއީ "ލައިޓާ"، "ޕޯ އެލާ" އަދި "އެކޯ" އެވެ.

އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.