ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަނެއްކާވެސް ދިވެހިރާއްޖެއަށް ފަޚުރުވެރި ކާމިޔާބީއެއް، ޓޫއޮފްއަަސްއަށް މުބާރާތުގެ 3 ވަނަ

އަނެއްކާވެސް ދިވެހިރާއްޖެއަށް ފަޚުރުވެރި ކާމިޔާބީއެއް، ޓޫއޮފްއަަސްއަށް މުބާރާތުގެ 3 ވަނަ

އިންޑިއާގެ ގައުމީ ޗެނަލް ދޫރުދަރުޝަން ޗެނަލުން ދައްކަމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ސީޒަންގައި ދިވެހި ބޭންޑް "ޓޫއޮފްއަސް" އަށް މުބާރާތުގެ 3 ވަނަ ލިބިއްޖެއެވެ.

އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" މުބާރާތް ނިންމާލުމަށްފަހު "ޓޫ އޮފް އަސް"އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިއަދު މުބާރާތުން ހޯދި ކާމިޔާބީއަކީ ދިވެހި ޤައުމަށް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ. އެ ކާމިޔާބީގެ ހަގީގީ ހައްގުވެރިންނަކީ މިއަދާ ހަމައަށް "ޓޫ އޮފް އަސް"އާ އެކު ދެމިތިބި އެ ބޭންޑުގެ ސަޕޯޓަރުން ކަމަށާއި ދިވެހީންގެ ފަރާތުން ލިބެމުން އައި ލޯތްބާއި ތަރުހީބަކީ ގްރޭންޑް ފިނާލޭއިން ޖާގަ ކަށަވަރު ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް "ޓޫ އޮފް އަސް"ގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަދު އެ ބޭންޑަށް ހޯދުނު ކާމިޔާބީއާ އެކު ދިވެހި މިއުޒީޝަނުންނަށް ބައިނަލްއަޤްވާމީ ސްޓޭޖްތަކުން ޖާގަ ކަށަވަރުވެއްޖެ ކަމަށް ވެސް އެ ބޭންޑުގެ މެމްބަރުން ވަނީ ބުނެފައެވެ.


މުބާރާތުގެ ދެވަނަ ރަނަރަޕްކަން ކާމިޔާބު ކުރެވުނީ ވަރަށް ގިނަ ބައެއްގެ ހެޔޮ އެދުމާއި ދުއާތަކެއް ސަބަބުން ކަމަށާއި، ޚާއްސަކޮށް "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" އިންތިޒާމުކުރި ފަރާތްތަކަށާއި އެ ބޭންޑުގެ ގުރޫ ނީރަޖުއަށާއި މުބާރާތުގެ ފަނޑިޔާރުންނާއި އާއިލާގެ މެމްބަރުންނަށް ޝުކުރު އަދާކުރާ ކަމަށް "ޓޫ އޮފް އަސް"އިން ވަނީ ބުނެފައެވެ.


ގްރޭންޑް ފިނާލޭގައި "ޓޫ އޮފް އަސް"އިން ހުށަހަޅައިދިނީ ދިވެހީންގެ ލެޔާ ކުޅެލާ ޤައުމީވަންތަކަން ދައްކުވައިދިން "އެހެރީ ދިވެހި ނިޝާން" މިލަވައެވެ. މި ލަވައިގެ އަސްލު ހިންދީ ލަވައާ އެއްކޮށް ގެނެސްދިން ހުށަހެޅުމަށް ފަނޑިޔާރުންގެ ފަރާތުން ތައުރީފުގެ ބަސްތައް އޮހުނުއިރު މިރޭގެ މުބާރާތުގެ ފަނޑިޔާރުން ބުނީ އާންމުކޮށް ސްޓޭޖު ގުޑުވާލާ ހުށަހެޅުންތައް ގެނެސްދޭ "ޓޫ އޮފް އަސް"އިން ހަގީގަތުގައި ވެސް ފަނޑިޔާރުން ރޮއްވާލައިފި ކަމަށެވެ.


މުބާރާތުގެ ދެވަނަ ރަނަރަޕް އެވޯޑާ އެކު "ޓޫ އޮފް އަސް"އަށް ފައިސާގެ އިނާމެއްގެ ގޮތުގައި މުބާރާތް އިންތިޒާމްކުރި ފަރާތުން ވަނީ ތިންލައްކަ އިންޑިއާ ރުޕީސް (55،530 ދިވެހި ރުފިޔާ) ދީފައެވެ. މުބާރާތުގެ ދެ ވަނަ އަވަށްޓެރި ސްރީލަންކާގެ ބޭންޑު "ނައިޓްސް"އިން ހޯދިއިރު އެއްވަނަ މަޤާމު ކާމިޔާބުކުރީ މޮރިޝަސްގެ ބޭންޑު "އެބަނެޒް"އެވެ.


ފަޚުރުވެރިކަމާއެކު ބައިނަލްއަޤްވާމީ ސްޓޭޖެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރަމުންދިޔަ ފަސް މެމްބަރުން ހިމެނޭ މި ބޭންޑު "ޓޫ އޮފް އަސް"އިން ޝަރަފުވެރި މިއުޒިކު މުބާރާތެއް ނިންމާލީ ތާރީޚުން ޖާގަ ހޯދުމަށްފަހުއެވެ.