ވޯލްޑް ކަޕުން ނޭމާ ފެނިގެންދާނެކަމަށް އުންމީދުކުރަން: މެސީ
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، އޭނާގެ ގާތް އެކުވެރިޔާ އަދި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާއާ ބެހޭގޮތުން ވާހަކަދައްކަމުން، ކުރިއަށް އޮތް ވޯލްޑް ކަޕުގައި ނޭމާ ފެނިގެންދިއުމަށް އުންމީދުކުރާ ކަމަށް ބުނެފިއެވެ. މެސީ ވަނީ ނޭމާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން ފާހަގަކޮށްފައެވެ.
"އޭނާ (ނޭމާ) ވޯލްޑް ކަޕަށް ދިއުމަކީ އަހަރެން ވަރަށް ބޭނުންވާ ކަމެއް. އަދި އޭނާއަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދެން، ސަބަބަކީ އޭނާއަކީ އެކަމަށް ހައްގުވާ ކުޅުންތެރިއެއް،" މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން މެސީ ބުންޏެވެ.
މެސީގެ މި ވާހަކަތަކުން ދޭހަވަނީ ދެ ކުޅުންތެރިންގެ މެދުގައި އޮތް ގާތް ގުޅުމެވެ.
މީގެ އިތުރުން މެސީ ފާހަގަކުރި ގޮތުގައި ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި އަބަދުވެސް އެދެވެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ބައިވެރިވުމަށެވެ.
"ވޯލްޑް ކަޕްތަކުގައި އަބަދުވެސް އަހަރެމެން ބޭނުންވަނީ އެންމެ މޮޅު ކުޅުންތެރިން ފެންނަން. ނޭމާ ހުރިހާ ހިނދަކު އޭނާ ވާނީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކަށް،" މެސީ އިތުރަށް ބުންޏެވެ.
ނޭމާ އަކީ ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ ކުޅުންތެރިއަކަށް ވީނަމަވެސް، އޭނާގެ ހުނަރާއި ގާބިލުކަމަށް މެސީ ފަދަ ތަރިންގެ އިތުބާރު އަދިވެސް އޮތްކަން މި ވާހަކަތަކުން ހާމަވެއެވެ.
Ads by BML
Ads by MACL
