ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގައި ނޭވާ ހިއްލާ މީހުންނަށް އިންހޭލާ ބޭނުންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: ޑރ މުޙައްމަދު އިސްމާއީލް

ރާއްޖޭގައި ނޭވާ ހިއްލާ މީހުންނަށް އިންހޭލާ ބޭނުންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: ޑރ މުޙައްމަދު އިސްމާއީލް

ދުނިޔޭގެ އެހެން ހިސާބުތަކަށް ދިމާވާ ފަދައިން، ރާއްޖޭގައިވެސް ނޭވާ ހިއްލުމުގެ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިންހޭލާގެ ބާވަތްތަކާއި ޑޯޒްތައް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިން ޑިޕަޓްމަންޓްގެ ހެޑް، ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ވޯލްޑް އެސްތުމާ ޑޭ ނުވަތަ ނޭވާ ހިއްލުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާ ގުޅޭ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގައި ބޭއްވި ސިމްޕޯޒިއަމްއެއްގައި ވާހަކަދައްކަވަމުންނެވެ. މި މިސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިން ޑިޕަޓްމަންޓްގެ ހެޑް، ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ބޭނުންވާ ވަޞީލަތްތައް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އެޑްމިޓްނުކޮށް ދެވޭނެ އެތައް ފަރުވާއެއް ލަސްވެ، ބަލިމީހާ އެޑްމިޓްކުރަންޖެހޭ ހާލަތަށް ދާންޖެހޭ ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ނޭވާ ހިއްލުމުގެ ބަލި ތަހައްމަލުކުރާ މީހުންގެ އަދަދުން ރާއްޖެ އޮތީ 99 ވަނައިގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިންގެ ހެޑް ނަރސް، ފާތިމަތު ލޫސީ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އިންހޭލާ ބޭނުންކުރުމަށް ގިނަ ބަޔަކު ލަދުގަނެއެވެ. މިއީ މުޖުތަމަޢު ދެކޭގޮތުގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި، އިންހޭލާ ބޭނުންކުރާ ގިނަ ފަރާތްތަކުންވެސް އެ ރަނގަޅު ގޮތުގައި ބޭނުން ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ލޫސީ އިތުރަށް ވިދާޅުވީ، ފަރުވާގައި ބޭނުންކުރާ ބައިނަލްއަޤުވާމީ މިންގަނޑަކީ 2 އިން 1 އަށް ކަމަށާއި އެއީ ފުއްޕާމޭގައި ހުރި ދުޅަކަން ކުޑަކޮށް، ނޭވާ ހިއްލުން ވަގުތުން ރަނގަޅުކުރުމަށް ދެވޭ ފަރުވާގެ 2 ބާވަތް ހިމެނިގެން ދެވޭ ޑޯޒެއް ކަމަށެވެ. އަދި ގިނަ މީހުންނަށް ނޭވާ ހިއްލުމަކީ ހަމައެކަނި ނޭވާލާން އުނދަގޫވުން ކަމަށް ހީވި ނަމަވެސް، އެއީ ފުއްޕާމޭގައި ހުންނަ މައްސަލައަކުން ކުރިމަތިވާ ސިއްޙީ ހާލަތެއްކަން އާންމުންނަށް ނޭނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ނޭވާ ހިއްލުމުގެ ބަލީގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާޞިލުވެވުން" މިއެވެ. މި ބައްޔަކީ ރާއްޖޭގައި އާންމު ބައްޔަކަށް ވީނަމަވެސް، ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކަށް ބަލި ދެނެގަންނަން އުނދަގޫވާކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

އެހެންކަމުން، އިންހޭލާ ބޭނުންކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލައި، ބައްޔާ މެދު އާންމުން ހޭލުންތެރިކުރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.