ވިލިމާލޭ ފުނަވަލަށް އަސަރުނުކުރާނެހެން ޓަވަރު އަޅާތަން ބަދަލުކޮށްފި
ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސޯޝަލް ހައުސިންގ 3 ޓަވަރުގެ ތެރެއިން އެއް ޓަވަރު، އެ ރަށުގެ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދުގައި ތަރައްޤީކުރުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މިގޮތަށް ނިންމެވީ ކުރިން އެ ޓަވަރު އެޅުމަށް ކަނޑައެޅި ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ވިލިމާލޭގައި އިމާރާތް ކުރާ 300 ފުލެޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ބޮޑެތި ފުނަގަސްތައް ނުކަނޑައި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި މަޝްރޫޢުގެ ދަށުން ދެން ހިމެނޭ ދެ ޓަވަރު އެޅުމަށް ނިންމާފައިވަނީ ވިލިމާލޭ މުހްޔިއްދީން ސްކޫލް ކުރިމަތީގައި އޮންނަ ފުނަވަލުގެ އެއްފަރާތުގައެވެ.
ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކޮންމެ ޓަވަރެއްގައި 17 ފަންގިފިލާ ހުންނާނެއެވެ. މިއީ ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
Ads by BMLބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވި ގޮތުގައި، ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މި ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ. މިއީ އެމްއެމްއޭއިން އެކުލަވާލާފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ" (އައިއެންއޭއެޗް) ގެ ދަށުން ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ވިލިމާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޖުމުލަ 2700 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ބިންގާ ވިލިމާލޭގައި އަޅާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.
Ads by MACL
