އީރާނުގެ ތެޔޮ ނުގަތުމަށް އެމެރިކާއިން ޗައިނާއަށް އިންޒާރު ދީފި, ޗައިނާއިން ބުނީ ބިރު ނުގަންނަ ކަމަށް!
އީރާނުން ތެޔޮ ގަންނަމުންދާ ޗައިނާގެ ތެޔޮ ސާފުކުރާ ކުންފުނިތަކަށް އެމެރިކާ ސަރުކާރުން އަނެއްކާވެސް ވަރުގަދަ އިންޒާރެއް ދީފިއެވެ. އެމެރިކާއިން ބުނެފައިވަނީ އީރާނުގެ ތެޔޮ ގަތުން ކުރިއަށްގެންދާ ކޮންމެ ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން އިގްތިސާދީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
އެމެރިކާގެ މި އިންޒާރާ ގުޅިގެން ޗައިނާ ސަރުކާރުން ވަނީ ވަރަށް ސަރީހަ ރައްދެއް ދީފައެވެ. ޗައިނާއިން ބުނެފައިވަނީ އެމެރިކާއިން ކޮންމެ ފަދަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅެއް އެޅި ނަމަވެސް އެ ގައުމުން އެކަމަށް ބިރު ނުގަންނަ ކަމަށެވެ.
ޗައިނާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެމެރިކާއިން އަޅާ ފިޔަވަޅުތަކަކީ 100 އިންސައްތަ ނުވަތަ 200 އިންސައްތައިގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމުގައި ވީނަމަވެސް، އީރާނުން ތެޔޮ ގަތުން ޗައިނާއިން ހުއްޓައެއް ނުލާނެއެވެ.
"އަޅުގަނޑުމެން އީރާނުން ތެޔޮ ގަތުން ކުރިއަށް ގެންދާނަން،" ޗައިނާގެ ފަރާތުން ބުނެފައިވެއެވެ.
މި މައްސަލައަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އެމެރިކާއިން އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާއިރު، ޗައިނާއަކީ އީރާނުގެ ތެލުގެ އެންމެ ބޮޑު އެއް ކަސްޓަމަރެވެ.
Ads by BML
Ads by MACL
