މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި
ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި އިރުއުތުރުގައި އުފެދިފައިވާ ލޯޕްރެޝަރު ޓްރަފެއްގެ ސަބަބުން، މި މަހުގެ 9 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ. މި މުއްދަތުގައި ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ލިބިދާނެ ގެއްލުންތަކަށް ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ވިއްސާރައާ ގުޅިގެން ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ، ގޭގެއަށް ފެން ނުވަންނާނެހެން ކުރިއާލައި ވެލިބަސްތާ ޖެހުމަށާއި، ގަދަވަޔާއެކު ފުރާޅު އެއްލާލުން ފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ފުރާޅުތައް ހަރުދަނާކޮށް އަމާންކުރުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ގޭގޭގައި ހުންނަ އަގުބޮޑު ކަރަންޓު ސާމާނު ފެނުގެ އަސަރު ނުފޯރާނެހެން އުސް ތަންތަނަށް ބަދަލުކުރުމަށާއި، ބޭނުންނުކުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ނިއްވާލާފައި ބެހެއްޓުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން، ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެތި ދަތިނުވާނެހެން ހޯދާފައި ބެހެއްޓުމަށް އިލްތިމާސްކުރަމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން ވަނީ ބާރުއަޅާފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަގީންކުރުމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
Ads by MACL
