ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ދުނިޔެ ގުޅިގެން މަސައްކަތްކުރުމަށް ތިމާވެއްޓާ ބެހޭ ވަޒީރު ގޮވާލައްވައިފި

ފޮޓޯ: މިނިސްޓްރީ
ފޮޓޯ: މިނިސްޓްރީ

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ދުނިޔޭގެ ހުރިހާ ޤައުމުތަކުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ ތުރުކީގައި ބޭއްވި "ތުރުކިޔޭސް ރޯޑް ޓު ކޮޕް31 : ރިޒިލިއަންޓް ސިޓީސް" މަތީފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ތިމާވެށީގެ ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، މި ދާއިރާއިން އަންނަ އީޖާދީ ބަދަލުތަކަށް ހުރިހާ ޤައުމުތަކުން ފުރިހަމަ އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރު ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް ކަމަށްވާ ކޮޕް31 ގައި ތުރުކީއިން އަދާކުރާ ދައުރަށް ރާއްޖޭގެ ފުރިހަމަ ތާޢީދާއި އެއްބާރުލުން އޮންނާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

މި ދަތުރުފުޅުގެ ހަވާސާގައި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި ޤައުމުތަކުގެ އިސްވެރިންނާ ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ޔޫއެން ހިއުމަންޓް ސެޓްލްމަންޓް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ އަނަކްލައުޑިއާއާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖެއިން ހުށަހަޅާ ތިމާވެށީގެ މަޝްރޫޢުތަކަށް އެޑަޕްޓޭޝަން ފަންޑުގެ ދަށުން މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބުރުނެއީގެ މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް މުޙައްމަދު ޖުއަންދާއާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ކޮޕް ސަމިޓާ ދިމާކޮށް ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. މީގެއިތުރުން ބަންގްލަދޭޝްގެ އެންވަޔަރަމަންޓް މިނިސްޓަރ ޢަބްދުލް އަވަލް މިންޓޫއާ ބައްދަލުކުރައްވައި، ސަރަޙައްދީ ފެންވަރުގައި ތިމާވެށީގެ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވަޒީރު ޢަލީ ޝަރީފް މަޝްވަރާކުރެއްވިއެވެ.

މި ހުރިހާ ބައްދަލުވުންތަކެއްގައިވެސް ވަޒީރު އެންމެ ބޮޑަށް ބާރުއެޅުއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ވަކި ޤައުމަކަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެކަމުން ސަލާމަތްވުމަށް ހުރިހާ ޤައުމުތަކުން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ.