ރާއްޖޭގައި ތިބި ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ފުރިހަމަކޮށްފި
ރާއްޖޭގައި ސައްޙަ ވޯކްޕާމިޓެއްގެ ދަށުން މިވަގުތު މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކޮށް ނިންމާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާކުކަން ދެނެގަނެވޭނެ ގޮތަށް ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނެގުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތަށް އައިސްފައިވާ ކުރިއެރުމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، 17 ނޮވެމްބަރު 2023 އާ ހަމައަށް މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައި ކަމަށެވެ. އެހެންކަމުން މިއީ މިވީ ކުރު މުއްދަތުގެ ތެރޭގައި ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
Ads by BMLކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބާކީ ތިބި ބިދޭސީން ހޯދުމުގެ މަސައްކަތެވެ. މިގޮތުން އެފަދަ ފަރާތްތައް ދެނެގަނެ، ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުޅޭ ބިދޭސީންނަކީ ކާކުކަން އެނގޭ، ސައްޙަ ލިޔެކިޔުން ހުރި ބައެއްކަން ކަށަވަރުކުރުމެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކުގެ ސަބަބުން ކުރިމަތިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށް ނިމުމެއް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
Ads by MACL
