އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ޚިދުމަތްދޭން ފަށައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ވަގުތީ މައްސަލަ ހައްލުކޮށް، ވެބްސައިޓްގެ ޚިދުމަތްތައް އާންމު ހާލަތަށް ގެނެސްފިއެވެ.
އެމް.އެމް.އޭ އިން ހާމަކުރި ގޮތުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން ކަށަވަރުވާ ގޮތުގައި، މި ހާދިސާގައި ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި ވެބްސައިޓްގެ މައި ސަފުހާ ނުވަތަ ހޯމްޕޭޖަށެވެ.
އެ އޮތޯރިޓީގެ ވެބްސައިޓަކީ އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ރައްކާތެރިކުރަންޖެހޭ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ސައިޓަކަށް ނުވާތީ، އެފަދަ އެއްވެސް މައުލޫމާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން އެމް.އެމް.އޭ އިން ވަނީ ދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް، ހޯސްޓިންގް ޚިދުމަތްދޭ ފަރާތާ ގުޅިގެން އެމް.އެމް.އޭ އިން މިހާރު ދަނީ ކުރަމުންނެވެ.
Ads by MACL
