ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް "އެމަޕަރާ އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ނިއްވުމަށް ސިފައިން އުޅަނދަށް ފެން ޖަހަމުން ދިޔަ ނަމަވެސް، ސަފާރީގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. މި ހާދިސާގެ ސަބަބުން އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ވަގުތު އެ ސަފާރީގައި އެއްވެސް މީހަކު ހުރިކަމެއް ނުވަތަ ނޫންކަމެއް ވެސް ކަމާބެހޭ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ހޯދަމުންދާ ކަމަށާއި، އަލިފާންގަނޑު އެއްކޮށް ނިއްވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
Ads by MACL
