ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ވާހަކަ ނުދެއްކުމަށް ސަރުކާރުން އިލްތިމާސްކޮށްފި
ޗާގޯސް މައްސަލާގައި މޮރިޝަސްއާއެކު އޮތް ގުޅުންތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ބޭރު ގައުމުތަކާ އޮންނަ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ދެއްކެވުމުގައި ދައުލަތުގެ މަތީ މަގާމުތައް ފުރާފައިވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ، އިންޑިއާގައި ބޭއްވި އިންޑިއަން އޯޝަން ޑައިލޮގްގައި މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށްފަހު، ރާއްޖެއާއެކު އަލުން މަޝްވަރާކުރަން އެ ގައުމު ތައްޔާރަށް އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ސަރުކާރުން އެ ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ، ސިޔާދަތީ މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަނީ ގާއިމުކުރެވިފައިވާ މުއައްސަސާވީ ނިޒާމުތަކުގެ ތެރެއިން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ދައްކާ ވާހަކަތަކަކީ އޭގެ ސަބަބުން ގައުމީ މަސްލަހަތަށް ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ "ދިވެހިރާއްޖެ އިސްކުރުން" މި އުސޫލުގެ މައްޗަށްކަން ހަނދާންކޮށްދެމުން، ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަކީ އެންމެ މައިގަނޑު އަސާސް ކަމަށް ސަރުކާރުން ބުނެއެވެ. އެހެންކަމުން، ބޭރު ގައުމުތަކާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ އަދި ގައުމީ އެއްބައިވަންތަކަން އިތުރުކޮށްދޭ ވާހަކަތަކަށް ވާންޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ.
މޮރިޝަސްއިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލީ، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ މެދު ރާއްޖެއިން އިއުތިރާޒުކުރުމުންނެވެ. މި މައްސަލާގައި ސަރުކާރުގެ ސްޓޭންޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އެއްވެސް ދޫދިނުމެއް ނުދިނުން ކަމަށް ފޮރިން މިނިސްޓްރީން ތަކުރާރުކޮށްފައިވެއެވެ.
Ads by MACL
