ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް މުއިއްޒު ދެއްކެވީ ނަމޫނާއެއް: މިނިސްޓަރު އިހުސާން

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް މުއިއްޒު ދެއްކެވީ ނަމޫނާއެއް: މިނިސްޓަރު އިހުސާން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ދެ އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވައިފި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މައުލޫމާތު މިހާރު ނަގާ ނިމިފައިވާކަން ރައީސް ހާމަކުރެއްވުމާ ގުޅިގެންނެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކާމިޔާބު ކުރެވިފައި ނުވާ ބޮޑު މަސައްކަތެކެވެ. ވެރިކަމުގެ ކުރީކޮޅު މިކަމަށް ދެއްވި ހާއްސަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ގަވާއިދާ ހިލާފަށް އުޅޭ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާރު ކުރިއަށްދަނީ ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ ފިލައިގެން އުޅޭ މީހުން ހޯދުމުގެ ތިންވަނަ ފިޔަވަހި ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި ޑިޕޯޓްކޮށް، މި މައްސަލައަށް ދާއިމީ ނިމުމެއް ގެންނަވާނެ ކަމަށްވެސް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ.

އިމިގްރޭޝަން ޓާސްކްފޯސްއިން މިހާރު ވަނީ މައުލޫމާތު ކަށަވަރު ނުކުރެވޭ ބިދޭސީން ހޯދުމަށް މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މިއީ ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން އަޅަމުންދާ އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ.