ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ތެޔޮ ޓޭންކަރަކަށް ހުރަސްއަޅާ އެމެރިކާގެ ކޮންމެ މަނަވަރެއް އަންދާލާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ ތެޔޮ ޓޭންކަރަކަށް ހުރަސްއަޅާ އެމެރިކާގެ ކޮންމެ މަނަވަރެއް އަންދާލާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ ތެޔޮ އުފުލާ ބޯޓުފަހަރަށް ހުރަސްއަޅަން މަސައްކަތްކުރާ އެމެރިކާގެ ކޮންމެ މަނަވަރެއް ވަގުތުން އަންދާލާނެ ކަމުގެ ހަރުކަށި އިންޒާރު އީރާނުގެ އަސްކަރީ އިސް އޮފިޝަލަކު ދެއްވައިފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން މިފަދަ އިންޒާރެއް ދީފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި އެ ގައުމުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ފާރަލަމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގެ އޮފިޝަލް ވިދާޅުވީ، "އީރާނުގެ ތެޔޮ ޓޭންކަރެއް ހުއްޓުވަން މަސައްކަތްކުރާ އެމެރިކާގެ ކޮންމެ ޑިސްޓްރޯޔަރެއް ވަގުތުން އަލިފާން ރޯކޮށް އަންދާލެވޭނެ" ކަމަށެވެ.

މި އިންޒާރަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ އިގްތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އެ ގައުމުން ފަސްނުޖެހޭނެކަން ހާމަކުރުމުގެ ގޮތުން ދީފައިވާ އިންޒާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުން ދަނީ އެ ގައުމުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

މި އިންޒާރާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ނުވަތަ ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިފަދަ އިންޒާރުތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.