ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިންވެރިޔާ ސްކީމްގެ ތިނެއްގެ ދަށުން ގޯތި ދޫކޮށް ފްލެޓަށް ބަދަލުވުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް

ބިންވެރިޔާ ސްކީމްގެ ތިނެއްގެ ދަށުން ގޯތި ދޫކޮށް ފްލެޓަށް ބަދަލުވުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް

ބިންވެރިޔާ ސްކީމުގެ ތެރެއިން މާލެ ސަރަހައްދުން ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށާއި، ޖޮއިންޓް އެޕްލިކޭޝަންތައް ވަކިކުރަން އެދޭ ފަރާތްތަކަށް ޚާއްޞަ "ކެޓަގަރީ 3" އަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ކެޓަގަރީގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ އުސޫލަށް ގެނައި އިސްލާހުތަކާއެކު، ގެޒެޓުގައި އެކަން ޝާއިއުކުރުމަށްފަހުގައެވެ.

މި ބަދަލާއެކު، ބިންވެރިޔާ ސްކީމަށް ސިންގަލް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގޯތި ދޫކޮށް ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

މީގެ އިތުރުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހުރިހާ ބައިވެރިން އެއްބަސްވާނަމަ، ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ އިޚްތިޔާރު ވެސް މި ކެޓަގަރީގެ ދަށުން ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިތައް ކަމަށް ސަރުކާރުން ބުނެއެވެ.

ބިންވެރިޔާ ސްކީމްގެ ޚާއްޞަ ކެޓަގަރީތަކަށް ބަލާއިރު، ކެޓަގަރީ އެކެއްގައި ހިމެނެނީ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ކުރިން ގޯތި ލިބިފައިވާ މީހުންނެވެ.

ކެޓަގަރީ ދޭއްގެ ދަށުން ފުރުޞަތު ދީފައިވަނީ ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން މީގެ ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާތު އިޢުލާނުކޮށް، މިއަހަރުގެ ޖަނަވަރީ މަހު ފޯމު ހުށަހަޅަން ހުޅުވާލި މި މަޝްރޫޢުގެ ދަށުން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބަދަލުތައް ގެނެސްފައިވަނީ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި އާންމުންގެ ޚިޔާލާއި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު، އެ ޚިޔާލުތަކަށް ރިއާޔަތްކުރައްވައިގެންނެވެ.

ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ހުޅުވާލާފައިވާ ގިނަ ކެޓަގަރީތަކަށް އެޕްލިކޭޝަން ހުށަހަޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.