ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ރާއްޖެ ވަޑައިގަތުން / ފޮޓޯ: ޕީއެސްއެމް ނިއުސް
އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ރާއްޖެ ވަޑައިގަތުން / ފޮޓޯ: ޕީއެސްއެމް ނިއުސް

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ "އޭޝިއާ މީޑިއާ ސަމިޓް 2026" ގައި ބައިވެރިވެވަޑައިގަތުމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މި ފަހަރުގެ ސަމިޓް އިންތިޒާމްކުރާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި ޗެއަރޕަރސަން އައިމިނަތު ނަމްޒާއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޓިމޯ ލެސްޓްގެ ސްޓޭޓް ސެކްރެޓަރީ ފޮރ ސޯޝަލް ކޮމިއުނިކޭޝަންސް އެކްސްޕެޑިޓޯ ލޯރޯ ޑިއާސް ޒިމެނެސް ވެސް ވަނީ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ރާއްޖެ ވަޑައިގެންފައެވެ. މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްދާ މި ބޮޑު ބައްދަލުވުމުގައި ބައިވެރިވުމަށް ސަރަޙައްދީ އެކި ޤައުމުތަކުން 200 އަށްވުރެ ގިނަ މަންދޫބުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ސަމިޓް ބާއްވަނީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ކަމަށްވާއިރު، މީގެ މައިގަނޑު މަޤްޞަދަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާގެ އިސްވެރިން އެއްތަންވެ، ޒިންމާދާރު މީޑިއާގެ ދައުރާއި ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި ބައްދަލުވުމަކީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށާއި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

ސަމިޓްގެ ރަސްމީ ހަރަކާތްތައް ފެށުމުގެ ކުރިން، މިމަހުގެ 11 ވަނަ ދުވަހު ޕްރީ ސަމިޓްގެ ފަސް ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ވޯކްޝޮޕްތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ނޫސްވެރިކަމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާއި، ޑިޖިޓަލް މީޑިއާގެ އިތުބާރު ދެމެހެއްޓުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމުގައި މީޑިއާ އަދާކުރާ މުހިންމު ދައުރަށެވެ.

ސަމިޓް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެއަށްފަހު 13 ވަނަ ދުވަހުގެ ނިޔަލަށް ޕްލިނަރީ ސެޝަންތައް ކުރިއަށްދާއިރު، ސަމިޓްގެ ހުރިހާ ހަރަކާތްތަކެއް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ ޚާއްޞަ މުރަކަ އިންދުމުގެ ހަރަކާތަކުންނެވެ. މިހާރު ޕީއެސްއެމުން ދަނީ ސަމިޓްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.