ނިއުކްލިއާ ޕްރޮގްރާމެއް ވެސް ނުހުއްޓާނަން އަދި ޔުރޭނިއަމް އެމެރިކާއާ ހަވާލެއްވެސް ނުކުރާނަން: އީރާން
އީރާނުން ކުރިއަށްގެންދާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ކުރަމުންދާ ފިއްތުންތަކަށް އެ ގައުމުން ރަސްމީކޮށް އިންކާރުކޮށްފިއެވެ. އީރާނުގެ ސަރުކާރުން ބުނެފައިވަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށާއި، އަދި އެ ގައުމުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެއްވެސް ހާލަތެއްގައި އެމެރިކާއާ ހަވާލުނުކުރާނެ ކަމަށެވެ.
މި މައްސަލައިގައި އީރާނުން ވަނީ ޕާކިސްތާން މެދުވެރިކޮށް އެމެރިކާއަށް އާ ހުށަހެޅުމެއް ފޮނުވާފައެވެ. ނަމަވެސް އެ ހުށަހެޅުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށް ބެލެވުނު ނަމަވެސް، އީރާނުގެ ރޫހީ އިސްވެރިންގެ ބަސްމަގު ހުރީ ވަރަށް ހަރުކަށިކޮށެވެ.
އީރާނުން ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ. އެ ގައުމުން ބުނެފައިވަނީ "އެމެރިކާއިން ބޭނުންވަނީ ހަނގުރާމައެއް ނަމަ، ހަގީގީ ހަނގުރާމައަކީ ކޮބައިކަން އެމެރިކާއަށް ދައްކާލާނެ" ކަމަށެވެ. މި ބަޔާނާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އީރާނުގެ ނިއުކްލިއާ މައްސަލައަކީ ދުނިޔޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާއިން އަބަދުވެސް ދަނީ ބުނަމުންނެވެ.
އީރާނުން ޔުރޭނިއަމް ހަވާލުކުރަން ދެކޮޅު ހެދުމަކީ ކުރިއަށް އޮތް ތަނުގައި ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުވެގެންދާނެ ކަމެއް ކަމަށް މުހައްލިލުން ލަފާކުރެއެވެ.
Ads by MACL
