ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

"ވޯލްޑް ކަޕަކީ އީރާނަށް ލިބޭނެ މުހިންމު ޑިޕްލޮމެޓިކް ފުރުސަތެއް"

"ވޯލްޑް ކަޕަކީ އީރާނަށް ލިބޭނެ މުހިންމު ޑިޕްލޮމެޓިކް ފުރުސަތެއް"

އީރާނުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލައިފިނަމަ، އެ ގައުމަށް ލިބޭނެ ވަރަށް މުހިންމު ޑިޕްލޮމެޓިކް ފުރުސަތެއް ނުވަތަ އެސެޓެއް ގެއްލިގެންދާނެ ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އީރާނުން މި މުބާރާތުގައި ބައިވެރިވުމާ މެދު ސުވާލު އުފެދިފައި އޮތް ނަމަވެސް، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މުބާރާތް ބާއްވާ ގައުމުތައް ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްބަސްވާންޖެހޭނެ ކަމަށް އެ ފެޑެރޭޝަނުން ބުނެއެވެ.

"އަޅުގަނޑުމެން ވޯލްޑް ކަޕްގައި ބައިވެރިނުވެއްޖެނަމަ، ޑިޕްލޮމެޓިކް ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެއް ގެއްލޭނެ،" މެހްދީ ތާޖް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ގަބޫލުކުރުންތަކާއި، ސަގާފަތާއި، އަދި އުސޫލުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ.

އީރާނުން ހުށަހެޅި 10 ޝަރުތު


މުބާރާތުގައި ބައިވެރިވުމަށް އީރާނުން ވަނީ 10 ޝަރުތެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ޓީމުގެ އޮފިޝަލުންނަށް ވިސާ ހަމަޖައްސައިދިނުމާއި، ގައުމީ ދިދައާއި ގައުމީ ސަލާމަށް އިހުތިރާމް ކުރުމުގެ އިތުރުން، އެއާޕޯޓްތަކާއި ހޮޓާ އަދި ސްޓޭޑިއަމްތަކަށް ދާ މަގުމަތީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްދިނުން ހިމެނެއެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އީރާނުގެ ބައިވެރިވުމާ މެދު ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ފީފާއިން ތަކުރާރުކޮށް ބުނަމުންދަނީ އީރާނުން މުބާރާތުގައި ފެންނާނެ ކަމަށެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އީރާނާއެކު ހިމެނެނީ ނިއުޒީލެންޑް، ބެލްޖިއަމް އަދި މިސްރެވެ. އީރާނުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށެވެ. މުބާރާތުގެ ތެރޭގައި އީރާނު ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައެވެ.