ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންއެފްގެ މުޒާހަރާތަކާ ގުޅިގެން އެއްލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާއެއް!

ތަކުރާރުކޮށް އެނގުމުންވެސް ޕީއެންއެފް އިން ދަނި ގާނޫނާ ޚިލާފު ވަމުން ---
ތަކުރާރުކޮށް އެނގުމުންވެސް ޕީއެންއެފް އިން ދަނި ގާނޫނާ ޚިލާފު ވަމުން ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގެ މަގުމަތީގައި ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާތީ ކަމަށް ބަޔާންކޮށް، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޔާމީނަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއެއްގައެވެ. އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ޕީއެންއެފް އިން އަމަލުކުރަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ހިލާފަށެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ޕާޓީއާއި ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގުން ހުއްޓާނުލާނަމަ، އެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހުންނާ މެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަނުން ވަނީ ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޕީއެންއެފްގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ނަސޭހަތްތެރިވެ، މަޝްވަރާ ކުރުމަށް ކޮމިޝަނަށް ހާޒިރުވާން އެދުމުންވެސް އެ ޕާޓީން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ކޮމިޝަނުން ބުނީ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ގާނޫނުއަސާސީއާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ތެރެއިން ކަމަށެވެ.

މި ފިޔަވަޅު އެޅިފައި މިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު، މަގާމުން އިސްތިއުފާ ދެއްވި ފަހުންނެވެ. އަދި ޕީއެންއެފްގެ މި މުޒާހަރާތައް ދައްކާތީ، މީގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޗެނަލް 13 އަށްވެސް އެކަން ހުއްޓާލަން އަންގާފައެވެ.

ޕީއެންއެފް އިން މާލޭގެ މަގުތަކުގައި ސޯފާއެއް ބަހައްޓައިގެން މުޒާހަރާ ކުރަން ފެށީ "އަދަދު" ނޫހުން ގެނެސްދިން "އައިޝާ ޑޮކިއުމަންޓްރީ" އާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައެވެ.