މިދިޔަ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރު ދައްކައިފި
ކުރީގެ ސަރުކާރުން އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ބޮޑު ދަރަނީގެ ތެރެއިން، މިހާރު ބާކީ އޮތް 50 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނިން ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ހޯދި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ ނަމަވެސް، ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބިލް ވިއްކައިގެން ނަގާފައިވާ ލޯނެކެވެ. ކުރީ ސަރުކާރުން މި ފައިސާ ދެއްކުމުގެ ބަދަލުގައި ކޮންމެ އަހަރަކު ލޯނު "ރޯލް އޯވާ" ކުރަމުން ދިޔަ ނަމަވެސް، މި ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މިއަދު އިތުރު 50 މިލިއަން ޑޮލަރު ދައްކައި، ދަރަނީގެ ބޮޑު ބައެއް ޚަލާޞްކޮށްފައެވެ.
އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި އެކަނިވެސް ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އަދާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި 524 މިލިއަން ޑޮލަރުގެ ލޯނާއި، 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީގެ އިތުރުން އިންޑިއާގެ މި ފަހަރުގެ 50 މިލިއަން ޑޮލަރު ހިމެނެއެވެ. "އިރާދަކުރެއްވިއްޔާ އަންނަ ސެޕްޓެމްބަރު 17 ގައި ބާކީ އޮތް 50 މިލިއަން ޑޮލަރު ވެސް ދައްކާ ނިންމައި، މި ދަރަނީގެ ދަންތުރައިން ރައްޔިތުން މުޅިން ސަލާމަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ މުހިންމު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިގްތިސާދާ މެދު ހަގީގަތެއް ނެތް ވާހަކަ ފަތުރަމުންދާތީ އެކަމާ ރައީސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ނެގި ދަރަނިތައް މި ސަރުކާރުން ދައްކަމުންދާއިރު ވެސް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަމަށެވެ. ނަމަވެސް ދަރަނި ދައްކަމުންދާ ހިނދުވެސް، މުވައްޒަފުންގެ މުސާރައާއި، ތެލުގެ ޚަރަދާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވަންޖެހޭ ފައިސާ މެދުނުކެނޑި ދެމުންދާނެ ކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ.
Ads by MACL
