ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ
ސިޓީތަކުގެ ދަރަޖަ ދެވިފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ ބޮޑު މަޝްރޫއު މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން އިސްކަންދޭ މިންވަރުގެ ދަށުން ހުރިހާ ސިޓީތަކެއްގައިވެސް މިފަދަ ޓްރެކްތައް ގާއިމުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
މި މަޝްރޫއުތައް އަމަލީ ގޮތުން ފެށޭނެ ވަކި ތާރީޚެއް މިވަގުތު ހާމަނުކުރެއްވި ނަމަވެސް، ލަސްނުވެ މިއަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި އެ މަސައްކަތްތައް ހިނގައިގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ޒުވާނުންނާއި އެތުލީޓުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ސިޓީތަކުގައި އަޅާ މި ސިންތެޓިކް ޓްރެކްތަކަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. މި އެހީގެ ދަށުން ޓްރެކްތައް އެޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީގެ އިތުރުން ތިނަދޫ ސިޓީގައެވެ.
މީގެ ކުރިންވެސް އިންޑިއާގެ ހިލޭ އެހީގެ ދަށުން މާލޭގެ މާފަންނު ސްޓޭޑިއަމްގައި ކްރިކެޓް ދަނޑު ވަށައިގެން ވަނީ ފެންވަރު ރަނގަޅު ސިންތެޓިކް ޓްރެކެއް އަޅާފައެވެ. އެހެންކަމުން މި މަޝްރޫއުތަކަކީ އެކަމުގެ ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
މި އައު ޓްރެކްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލެޓިކްސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތައް ހެދުމުގެ ފުރުސަތު ފަހިވެ، ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
Ads by MACL
