ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރަށް ފުރާމީހުންނަށް 1000 ޑޮލަރު ނުދެވެނީ ހަނގުރާމަ އާ ހެދި: ރައީސް

ބޭރަށް ފުރާމީހުންނަށް 1000 ޑޮލަރު ނުދެވެނީ ހަނގުރާމަ އާ ހެދި: ރައީސް

ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ބޭންކް ރޭޓުގައި 1,000 ޑޮލަރު ދޫކުރުމަށް ވެވަޑައިގަތް ވައުދުފުޅު، މެދުއިރުމަތީގައި އަލަށް ފެށުނު ހަނގުރާމައިގެ ސަބަބުން ކުރިން އިއުލާންކުރި ތާރީޚަށް ތަންފީޒު ނުކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮލަރުގެ ލިމިޓް ދެގުނަ ކުރާނެ ކަމަށް 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއިރު، މިއަހަރުގެ ފެބުރުވަރީ މަހު މެދުއިރުމަތީގައި ހަނގުރާމައެއް ފެށޭނެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި ހަނގުރާމައާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، ދެން އެންމެ އަވަހަށް އެކަން ކުރެވޭނެ ތާރީޚެއް ބެލުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިހާރު ހިސާބުތައް ހަދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އޭރު ވައުދުވެވަޑައިގަތީ ހާލަތު އޮތްގޮތުން އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި، ނަމަވެސް ބޭރުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާލީ ބާޒާރަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރި ކަމަށެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ޕޭމަންޓް މިއަދު ހެނދުނު ދައްކާފައިވާ ކަމަށެވެ. މިއީ ކުރީގެ ސަރުކާރުން އަނބުރާ ނުދައްކައި ތަކުރާރުކޮށް ރޯލްއޯވާ ކުރަމުން އައި ލޯނެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ލޯނުގެ ތެރެއިން އެއްބައި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދައްކާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު ދެއްކި ފައިސާއާއެކު ދެން ބާކީ އޮތީ 50 މިލިއަން ޑޮލަރު ކަމަށެވެ. އެ ފައިސާވެސް އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ދައްކައި އެއްކޮށް ހަލާސްކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިއަދު އިއުލާން ކުރެއްވިއެވެ.