މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވައިގަދަވެފައި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިންޒާރު ދީފިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަ ކުރުން އެކަށީގެންވެއެވެ.
މެޓް އޮފީހުގެ މޫސުމީ ރިޕޯޓުތައް ދައްކާ ގޮތުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައެވެ. ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭތީ، ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، މޫސުމަށް ނުބަލައި ދަތުރު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުމަށާއި، ވައިގަދަވުމުގެ ސަބަބުން އެއްލާލައިފާނެ ތަކެތި ރައްކާތެރިކޮށް އައްސާފައި ބެހެއްޓުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.
Ads by MACL
