އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ވަދާއީ ހަނގުރާމައަކަށް ތައްޔާރުވުމަށް އީރާނުން ގޮވާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްހައިގެ މަޝްރޫއު ގަބޫލުނުކޮށް ބޭރުކޮށްލުމަށްފަހު، އެމެރިކާއާއި އިސްރާއީލު އަދި އެގައުމުތަކުގެ ބައިވެރިންނާ ދެކޮޅަށް "ވަދާއީ ހަނގުރާމައަކަށް" ތައްޔާރުވުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އީރާނުގެ ރައްޔިތުންނަށް ގޮވާލައިފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ގޮފި ކަމަށްވާ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ރޭވުމަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި މި ސަރަހައްދުން އިސްތިއުމާރީ ބާރުތައް ބޭރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ތައްޔާރުވުމަށް ވަނީ އިރުޝާދު ދީފައެވެ.
މިކަމާ ގުޅޭގޮތުން އައި.އާރު.ޖީ.ސީގެ ކޮމާންޑަރު ވިދާޅުވެފައިވަނީ، ވަދާއީ ހަނގުރާމަ ފެށުމަށް ފަހު މެދުއިރުމަތީގައި އެމެރިކާގެ އެންމެ ސިފައިންގެ މީހަކު ހުރި ނަމަވެސް މި ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ. މިއީ އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް އީރާނުން ދީފައިވާ އެންމެ ވަރުގަދަ އެއް އިންޒާރެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި ހުށަހެޅުއްވި ސުލްހައިގެ މަޝްރޫއަކީ އިސްރާއީލަށް ބޮޑެތި ފައިދާތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށް ބުނެ އީރާނާއި ފަލަސްތީނުން ވަނީ މީގެ ކުރިންވެސް އެކަން ކުށްވެރިކޮށްފައެވެ. މި އާ އިންޒާރާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
Ads by MACL
