ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައަޅައިފި

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) ---
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) ---

ރާއްޖޭގައި ފުރަތަމަ ފަހަށް ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން، މިބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) އެވެ.

މި ތާރީޚީ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. މިއަދު ހެނދުނު 9:00 ގައި ބޭއްވި މި ޖަލްސާއަކީ ރާއްޖޭގެ ޑިޖިޓަލް ހައްޤުތަކާއި އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމުގެ މަސައްކަތް ރަސްމީކޮށް މަޖިލީހުގެ ތަޅުމުގައި ފެށިގެންދިޔަ މުހިންމު ޖަލްސާއެކެވެ.

ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ އިތުރުން، "ސައިބަރ ސެކިއުރިޓީގެ ބިލު" ވެސް މިއަދު ވަނީ މަޖިލީހަށް ތަޢާރަފުކޮށްފައެވެ. މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން، ސައިބަރ ސެކިއުރިޓީ ބިލުގެ ފުރަތަމަ ކިޔުން އެޖެންޑާގެ 6.1 ވަނަ ނަމްބަރުގެ ގޮތުގައި އިއްވިއިރު، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އެޖެންޑާގެ 6.2 ވަނަ ނަމްބަރުގެ ގޮތުގައެވެ.

މި ޖަލްސާގައި އެހެނިހެން މުހިންމު ކަންތައްތަކެއްވެސް ވަނީ އެޖެންޑާ ކުރެވިފައެވެ. އެގޮތުން ޖަލާއި ޕެރޯލްގެ ޤާނޫނުގެ (ނަމްބަރު 17/2011) ޖަދުވަލު 1 އަށް އިޞްލާޙު ގެނައުމަށް މަޖިލީހުގެ ރުހުން ހޯދުމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ކަންކަމާ ގުޅޭ މައްސަލައެއްވެސް މިއަދުގެ އެޖެންޑާގައި ހިމެނިފައިވެއެވެ.

މިއީ ރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މީހުންގެ ޒާތީ މަޢުލޫމާތު އެއްކޮށް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެފަދަ މަޢުލޫމާތުތަކަށް ޤާނޫނީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މި ބިލުގެ މަޤްޞަދަކީ އާންމު ފަރުދުންގެ އަމިއްލަ ސިއްރުތައް ހިމެނޭ މަޢުލޫމާތު، ހުއްދަނެތި ބޭނުންކުރުމާއި ހާމަކުރުން ހުއްޓުވައި، އެފަދަ މަޢުލޫމާތުތައް ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތައް ކަނޑައެޅުމެވެ.

މިއީ ރާއްޖޭގައި މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުނު ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ ރާއްޖޭގެ ކަރާމާތާއި އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމުގެ ތާރީޚުގައި އެޅިގެންދާ މުހިންމު ބިންގަލެކެވެ.