ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަރިފުޅަށް ދިން އަނިޔާ ފެނި ކެތްނުވެގެން ހާލު ދެރަވި މަންމަ ނިޔާވެއްޖެ

އއ. ރަސްދޫ ---
އއ. ރަސްދޫ ---

އއ. ރަސްދޫގައި ދިވެއްސަކަށް ދިން ރަހުމްކުޑަ ހަމަލާއެއްގެ ސަބަބުން ލިބުނު ޒަހަމްތައް ފެނި، އެ މަންޒަރު ބަލަން ކެތްނުވެގެން ހާލު ދެރަވި އޭނާގެ މަންމަ، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ނިޔާވީ އެ ރަށަށް ނިސްބަތްވާ އުމުރުން ދުވަސްވީ އަންހެނެއް ކަމަށްވާ ޒާހިދާ އިދުރީސްއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒާހިދާގެ ދަރިފުޅަށް ހަމަލާދީފައިވަނީ ރަސްދޫގައި ގެސްޓްހައުސްއެއް ހިންގާ ޗައިނާގެ ރައްޔިތެކެވެ. ފައިސާގެ މުއާމަލާތަކާ ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި، ދަގަނޑުބުރިއަކުން ބޮލުގައި ޖަހައި އެ ފިރިހެން މީހާ ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.

ޒާހިދާގެ ހާލު ދެރަވީ، އެހެން ބަލި މީހަކަށް ގޮވާލަން ހޮސްޕިޓަލަށް ދިޔަ ވަގުތު، ބޮޑެތި އަނިޔާތަކަކާއެކު ހޭނެތިފައި އޮތް އޭނާގެ ދަރިފުޅު ފެނުމުންނެވެ. އެ މަންޒަރު ފެނުމާއެކު ޒާހިދާ ވަގުތުން ހޭނެތިގެން ވެއްޓުނު އިރު، ޑޮކްޓަރުން ބުނެފައިވަނީ އޭނާއަށް ހާޓްއެޓޭކެއް ޖެހުނީ ކަމަށެވެ. ހާލަތު ސީރިއަސްވުމުގެ ސަބަބުން ދަރިފުޅާއި މަންމަ ވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

ނަމަވެސް، މާލޭގައި ފަރުވާ ދެމުން ދަނިކޮށް ހޭނާރާ އޮވެ ޒާހިދާ މިއަދު ވަނީ ދުނިޔެ ދޫކޮށްފައެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދާ އޭނާގެ ދަރިފުޅުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާ ދިން ޗައިނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ. އޭނާ މިނިވަން ކުރުމާ ގުޅިގެން ރަސްދޫގެ ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އޭނާ ހިންގާ ގެސްޓްހައުސް ދޮށަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.