ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި: މީޑިއާގެ މުސްތަޤުބަލާއި އޭއައިއަށް ބޮޑު އިސްކަމެއް

21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފެށުން / ފޮޓޯ: ޕީއެސްއެމް ނިއުސް
21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފެށުން / ފޮޓޯ: ޕީއެސްއެމް ނިއުސް

އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުން ކަމަށްވާ "އޭޝިއާ މީޑިއާ ސަމިޓް" (އޭއެމްއެސް) ގެ 21 ވަނަ އެޑިޝަން، "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިންތިޒާމުކުރާ މުހިންމު ހަރަކާތެކެވެ.

މި ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުން ވަޑައިގެންނެވި މީޑިއާ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަމިޓުގައި މުޅި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، އޭގެ ތެރެއިން 80 އިންސައްތަ ބައިވެރިންނަކީ ރާއްޖޭން ބޭރުގެ ޤައުމުތަކުން ވަޑައިގެންނެވި ފަރާތްތަކެވެ. މިއީ ސަރަޙައްދީ ފެންވަރުގައި ބްރޯޑްކާސްޓަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ދާއިރާގެ އައު އަމާޒުތަކަށް މަޝްވަރާކުރުމަށް ލިބޭ ބޮޑު ފުރުޞަތެކެވެ.

މި ފަހަރުގެ ސަމިޓުގައި މައިގަނޑު އަށް ޕްލިނަރީ ސެޝަނެއް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނޭ ހައި-ލެވެލް މިނިސްޓީރިއަލް ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޕަބްލިކް މީޑިއާއަށް މަގުފަހިކޮށްދިނުމާއި އެކަމާ ގުޅޭ ސިޔާސަތުތަކުގެ މައްޗަށެވެ.

ސަމިޓުގެ އެކި ސެޝަންތަކުގައި މީޑިއާ ދާއިރާއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކަށް ބަހުސްކުރެވޭނެއެވެ. އެގޮތުން ކުދި ޖަޒީރާ ޤައުމުތަކުގެ މީޑިއާތަކަށް ހުރި ހުރަސްތަކާއި، ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދައުރާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ބްރޯޑްކާސްޓިންގއަށް އަންނަ ބަދަލުތަކުގެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން މީޑިއާގެ މުސްތަޤުބަލުގައި ޒުވާނުންގެ ދައުރާއި، އޭއައި ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަމުގެ މައްޗަށްވެސް މަޝްވަރާ ކުރެވޭނެއެވެ. އަދި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ކޮންޓެންޓްތައް ދައްކާލުމުގެ ޝޯވކޭސްތަކެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ.

ސަމިޓް ރަސްމީކޮށް ފެށުމުގެ ކުރިން އިއްޔެ ވަނީ ޚާއްސަ ވޯކްޝޮޕްތަކެއްވެސް ބާއްވާފައެވެ. މި ވޯކްޝޮޕްތަކުގައި ޚަބަރު ފެތުރުމާއި ވާހަކަ ކިޔައިދިނުމުގައި އޭއައި ޓޫލްތައް ބޭނުންކުރާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމުގައި މީޑިއާގެ ޒިންމާއާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސަމިޓުގެ ތެރެއިން އޭއައިބީޑީ އިންޓަރނޭޝަނަލް މީޑިއާ އެވޯޑްސް ދިނުމާއި، ޚާއްސަ ގާލާ ޑިނާރއެއްގެ އިތުރުން ސަގާފީ ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ. ސަމިޓުގެ ހުރިހާ ހަރަކާތްތަކެއް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްސަ ހަރަކާތަކުންނެވެ.