ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޢުލޫމާތުގެ އިތުބާރު ހިފެހެއްޓުމަކީ މާލީ ނިޒާމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމެއް: ބީއެމްއެލް ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް --- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް --- ފޮޓޯ: ބީއެމްއެލް

މިއަދުގެ ޑިޖިޓަލް ޒަމާނުގައި ޚަބަރާއި މަޢުލޫމާތު ފެތުރޭ ދުވެލި ކިތަންމެ އަވަސްވި ނަމަވެސް، އެ މަޢުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަކީ މުޅި އިޤްތިޞާދާއި މާލީ ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވިލާނޯޓިކާގައި މިއަދު ފެށި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މީޑިއާއާއި މާލީ ދާއިރާއަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ދާއިރާ ކަމަށާއި، އާންމުންނަށް ފޯރުކޮށްދޭ މަޢުލޫމާތުގެ ފެންވަރުގެ މައްޗަށް މާލީ ނިޒާމަށް އޮންނަ އިތުބާރު ބިނާވެގެންވާ ކަމަށެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މާލީ ދާއިރާއަށް އޮންނަ އިތުބާރަށް ލޮޅުން އެރުމަކީ ހަމައެކަނި ކަސްޓަމަރުންނަށް ކުރާ އަސަރެއް ނޫނެވެ. އޭގެ ސަބަބުން ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުންތަކުގެ އިތުރުން ތަރައްޤީއަށް މަސައްކަތްކުރާ އިދާރާތަކުން ރާއްޖެއާ މެދު ދެކޭ ގޮތަށްވެސް ނޭދެވޭ އަސަރުކޮށް، ގައުމުގެ އިޤްތިޞާދީ ބިންގަލަށް ނުރައްކާވެދާނެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުގެ މަސްއޫލިއްޔަތު ބޮޑުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ހަގީގަތާ ޚިލާފު ވާހަކަތަކާއި ކަށަވަރުނުކޮށް ފަތުރާ މަޢުލޫމާތުގެ ސަބަބުން މުޖުތަމައުގައި ބޭނުންނެތް ނުތަނަވަސްކަން އުފެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ގެއްލުން ވަކި މުއައްސަސާއަކަށްވުރެ ބޮޑަށް މުޅި ރައްޔިތުންނަށް ފޯރުމުގެ ފުރުސަތު އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ޑިޖިޓަލް ބަދަލުތައް އަންނަމުންދާއިރު، އެއީ ހަމައެކަނި ވަސީލަތްތަކަށް އަންނަ ބަދަލެއް ނޫން ކަމަށާއި، އޭގެ ހަގީގީ ބޭނުމަކީ އެންމެން ބައިވެރިކޮށް، ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މަޢުލޫމާތު ފެތުރުމުގައި ތެދުވެރިކަމާއި ފަންނީ އަޚުލާޤު ހިފެހެއްޓުމަކީ މިއަދު މަޖުބޫރު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި މީޑިއާ ސަމިޓުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އެވެ. މީޑިއާއަކީ ގައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ބަލައިގަނެ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ސީއީއޯގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.