ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެ 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލައިފި
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައެއްގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށް ސާބިތުވެ، އެ ދެ މީހުން ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފިއެވެ.
މި ދެ ނޫސްވެރިންގެ މައްޗަށް މި ފިޔަވަޅު އަޅާފައި ވަނީ ގަޒުފުކުރި ކަމުގެ ތުހުމަތުގައި އެ ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު އަމުރަކާ ގުޅިގެން ކަމަށްވާއިރު، މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުންތައް ކޯޓުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.
މި މައްސަލާގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، ދެ ނޫސްވެރިން ޖަލަށް ލުމަށް ކޯޓުން ނިންމީ އެ މީހުންނަށް އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް ނުދީ ކަމަށާއި، މިހާރު އެ ދެ ނޫސްވެރިން ތިބީ ބަންދުގައި ކަމަށެވެ.
ކޯޓުގެ ހުކުމާ އެކު ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ނިންމާފައިވާއިރު، ލީވާންގެ މައްޗަށް އިއްވާފައި ވަނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓުން ނެރުނު އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި ޝަހުޒާންގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރުމުގައި ކޯޓު އަމުރާ ޚިލާފުވި ކަމަށް ބުނެއެވެ.
Ads by MACL
