މި ސަރުކާރު ފަސް އަހަރުގެ ދައުރު ފުރިހަމަކުރާނެ: ސަލީމް
ރައްޔިތުން އިންތިޚާބުކޮށްފައިވާ މި ސަރުކާރު ވައްޓާލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، މި ސަރުކާރު ފަސް އަހަރުގެ ދައުރު ފުރިހަމަކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި، މި ސަރުކާރަކީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށާއި ސަރުކާރު ނިންމާލާނެ ކަމަށް ބުނެ މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ސަރުކާރު ވައްޓާނުލެވޭނެ ކަމަށް ވިދާޅުވެ، ސަލީމް ވަނީ އެ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
މި ސަރުކާރަކީ ފަސް އަހަރުގެ މުއްދަތަކަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ސަރުކާރެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ސަރުކާރު ފަސް އަހަރު ވަންދެން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަން ބަދަލުކުރުމުގެ ފުރުސަތެއް ދިވެހި ރައްޔިތުން ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ސަލީމް ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރަކީ ރައްޔިތުންގެ އިތުބާރާއެކު ދައުރު ފުރިހަމަކުރާނެ ސަރުކާރެއް ކަމަށާއި، ސަރުކާރު ވައްޓާލަން ދައްކާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.
Ads by MACL
