ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމައިފި

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

މިއަދު ހެނދުނު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައިވަނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ސޮއި ހަމަކޮށް، މަޖިލީހަށް ވެއްދުމަށެވެ.

މި ނިންމުން ނިންމާފައިވަނީ މަޖިލިސް ތެރެއިން ރައީސް މުހައްމަދު މުއިއްޒާއި ސަރުކާރާ ދެކޮޅަށް ނާޒިމް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ތުހުމަތުކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ބަދަލު އައިސްފައިވަނީ ރައީސް މުއިއްޒު މެންބަރުންނަށް އިރުޝާދު ދެއްވުމަށް ބޭނުންކުރައްވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލެއްވިތާ މާގިނާ އިރުތަކެއް ނުވަނީހެވެ.

މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ޕީއެންސީގެ ޕީޖީން ނިންމިކަން އެ ގްރޫޕުގެ ބައެއް މެންބަރުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ނާޒިމް ވަޓްސްއެޕް ގްރޫޕުން ވަކިކުރި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ވެސް ނާޒިމް މަގާމުން ވަކިކުރުމުގެ ވާހަކަތަކެއް ޕީއެންސީގެ އިސް މެންބަރުންގެ މެދުގައި ދެކެވުނު ނަމަވެސް، އޭރު އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެކަން ދޮގުކުރައްވާފައެވެ. އެހެންނަމަވެސް މިއަދުގެ ބައްދަލުވުމާ އެކު، އޭނާ މަގާމުން ދުރުކުރުމުގެ ރަސްމީ މަސައްކަތް ޕާޓީގެ ތެރެއިން މިވަނީ ފަށާފައެވެ.