ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

1447 ވަނަ އަހަރުގެ ޙައްޖާޖީންނަށް ވީއައިއޭއިން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފި

1447 ވަނަ އަހަރުގެ ޙައްޖާޖީންނަށް ވީއައިއޭއިން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފި

1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ފުރާ ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ.

މި އަހަރު ރާއްޖެއިން ފުރާ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓް އަދި ސައުދިއާގެ ދެ ފްލައިޓްގައެވެ. މި ފްލައިޓްތަކުން ފުރާ ހުރިހާ ޙައްޖާޖީންނަށްވެސް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ޚާއްޞަ ލުއިފަސޭހަ އިންތިޒާމްތަކެއް އެއަރޕޯޓުން ފޯރުކޮށްދޭނެއެވެ. މި ފްލައިޓްތައް ފުރުމަށް ތާވަލުކުރެވިފައިވަނީ މި މޭ މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ.

ޙައްޖާޖީން ގޮވައިގެން ފުރަތަމަ ފުރާ ސައުދިއާގެ ފްލައިޓް އޮންނާނީ މި މަހުގެ 15 ވާ ހުކުރު ދުވަހުއެވެ. ޖުމްލަ 242 ޙައްޖާޖީންނާއެކު މި ފްލައިޓް ފުރާ ދުވަހު، ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށެވެ. އަދި އެހެން އަހަރުތަކެކޭވެސް އެއްފަދައިން، އެދުވަހު ޙައްޖާޖީންނަށް ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމު ވޯޓަރ ފްރަންޓު އިމާރާތުގެ ތިރީގައި ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ޙައްޖާޖީން ގޮވައިގެން އަންނަ ބަސްތައް މަޑުކުރާނީ އެއަރޕޯޓުގެ ޓަރމިނަލް 2 ގެ ޑްރޮޕް އޮފް ސަރަހައްދަށެވެ. އަދި އެ ދުވަސްތަކުގައި ފުރާ ޙައްޖާޖީން ފްލައިޓަށް ބޯޑުކުރުމުގެ ކުރިން މަޑުކޮށްލައިގެން ތިބުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.

ޙައްޖުވެރިން ފުރާ ވަގުތުތަކުގައި އެއަރޕޯޓުން ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށާއި، ފުރުމުގެ ހުރިހާ ކަމެއް ފަސޭހަކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ ޚާއްޞަ އޮފިޝަލުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.