ޖަލަށްލީ ނޫސްވެރިންގެ ދިފާއުގައި ޔާމީން، ނަޝީދު އަދި ސޯލިހު އަތްގުޅާލައިފި
ކޯޓު ހުރުމަތް ކެނޑި ކަމަށް ބުނެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކުރި ހުކުމާ ގުޅިގެން، އެ ނޫސްވެރިންގެ ދިފާއުގައި ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި، މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި އަތްގުޅާލައްވައިފިއެވެ.
ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއް ގެންގުޅުއްވި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް މި ތިން ލީޑަރުން ވަނީ އެއްގަލަކަށް އަރުއްވާފައެވެ.
ކުރީގެ ރައީސް ޔާމީން މިއަދު ވިދާޅުވި ގޮތުގައި، ނަޝީދާއި ސޯލިހާ އެކު މަސައްކަތް ކުރައްވަން ނިންމެވީ ނޫސްވެރިންނަށް ކުރިމަތިވަމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށެވެ. ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް ޖަލަށްލާން ހުކުމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLމި ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ފެއްޓެވީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކުރެއްވި އިލްތިމާސަކާ ގުޅިގެންނެވެ. ފައްޔާޒު ވިދާޅުވީ، މިއީ ގައުމާއި ނޫސްވެރިކަމުގެ ހައްގުގައި ޔާމީނާއި ނަޝީދު އަދި ސޯލިހު އެކުގައި ނުކުމެވަޑައިގަންނަވަންވީ ވަގުތު ކަމަށެވެ. އެއާއެކު ރައީސް ނަޝީދު ވެސް ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް މިރޭ ބާއްވާ މުޒާހަރާއަށް ނުކުމެވަޑައިގަންނަވާނެ ކަން ކަށަވަރުކޮށްދެއްވާފައެވެ.
ސަރުކާރާ ދެކޮޅަށް އެމްޑީޕީއާއި ޕީއެންއެފްގެ ސަޕޯޓަރުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، މި ފަހަރުގެ ހުކުމާ ގުޅިގެން ތިން ރައީސުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވާ ގޮތުގައި، ޑޮކިއުމެންޓްރީއަކާ ގުޅިގެން ނޫސްވެރިން ޖަލަށްލުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ކަމެކެވެ.
Ads by MACL
