ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހުކޮށްފި

އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހުކޮށްދެއްވުން ---
އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހުކޮށްދެއްވުން ---

ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތަރައްގީއަށް ފައިނޭންސިންގ ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ އެސްއެމްއީ ޑިޖިޓަލްގެ އާ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްފައިވަނީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމް" ގެ ތެރެއިންނެވެ.

މި ހާއްސަ ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އެވެ.

"އެސްއެމްއީ 360" ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެ ތަނުން އަދާކުރާ މުހިންމު ދައުރަށް އާންމުންނާއި ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ފެށި ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލްއާއި ކުދި ވިޔަފާރިތަކާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ގައުމީ އިގްތިސާދުގައި ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާވެ ބާރުވެރިވުމަށް މަގުފަހިވެގެންދާނެއެވެ.

މި ކެމްޕެއިންގެ ދަށުން އާންމުން ޝައުގުވެރިވާނެ ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކޮށް، އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އެ ފަރާތްތައް އަހުލުވެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ކުދި ވިޔަފާރިތަކުން ކުރާ ތަޖުރިބާތަކާއި ހޯދާފައިވާ ކާމިޔާބީތައް ހިއްސާކުރުމަށްޓަކައި ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ކުރިއަށް ގެންދިއުމަށްވެސް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ނިންމާފައެވެ.

ކެމްޕެއިން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "އެސްއެމްއީ 360" އަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއް ފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތެއް ފޯރުކޮށްދެވޭނެ ބްރޭންޑެއް ބިނާކުރުމަށް ގެންގުޅޭ ތަސައްވުރުގެ ރަމްޒެއް ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި ފާހަގަކުރެވޭ އައްޑޫ ސިޓީގައި މި ކެމްޕެއިން ފެށިގެންދިއުމަކީ ލިބުނު ފަހުރެއް ކަމަށާއި، އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް އައްޑޫގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ އުއްމީދަކީ މި ކެމްޕެއިންގެ ސަބަބުން ވިޔަފާރީގެ ހުރިހާ މަރުހަލާއެއްގައިވެސް އެސްއެމްއީ ޑިޖިޓަލްއަކީ ބައިވެރިއަކަށް ވުމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ބައިވެރިވެ، ކުދި ވިޔަފާރިތަކުގެ ކުރިއެރުމާ ގުޅޭ މުހިންމު މަޝްވަރާތަކުގައި ވަނީ ހިއްސާވެފައެވެ.