ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތަށް ބައިވެރިވާން ހުޅުވާލައިފި، ޖުލައި މަހު ފަށާނެ

އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތަށް ބައިވެރިވާން ހުޅުވާލައިފި، ޖުލައި މަހު ފަށާނެ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެފްއޭއެމްގެ އެކްސްކޯގެ 13 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތްތައް ފުޓުބޯޅައިގެ އައު ޕިރަމިޑާ އެއްގޮތަށް ބޭއްވުމަށެވެ.

މުބާރާތުގެ އޮނިގަނޑާއި ބައިވެރިވުން

މި މުބާރާތް ބެހިގެންވަނީ ޖުމުލަ ހަތަރު މަރުހަލާއަކަށެވެ. އެއީ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް، ޒޯން ޗެމްޕިއަންޝިޕް، ރީޖަން ޗެމްޕިއަންޝިޕް އަދި ނޭޝަނަލް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 7,000 ރުފިޔާއެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

އަތޮޅު ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ކުޅުންތެރިންނަކީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށް ވާންޖެހޭނެއެވެ. ނަމަވެސް ކޮންމެ ޓީމެއްގައިވެސް ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ވަނީ ދީފައެވެ. ޒޯން އަދި ރީޖަނަލް މަރުހަލާއަށް ކޮލިފައިވާ ޓީމުތަކަށް ލިސްޓު އިސްލާހުކުރުމުގެ ފުރުސަތު ލިބޭއިރު، އެ މަރުހަލާތަކުގައި ބިދޭސީ ކުޅުންތެރިއެއްގެ އިތުރުން ރަށުން ބޭރު އެއް ދިވެހި ކުޅުންތެރިއަކު ހިމެނުމުގެ ހުއްދަ ލިބޭނެއެވެ.

މުބާރާތް ކުރިއަށްދާނެ ގޮތް


ޖުލައި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތް 20 އަތޮޅެއްގައި ކުރިއަށްދާނެއެވެ. އަތޮޅު މުބާރާތްތައް ބާއްވާނެ ރަށްތައް ކަނޑައަޅާނީ ޓީމުތައް ބައިވެރިވާ އަދަދަށް ބަލައިގެންނެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މީގެ އިތުރުން މާލޭ ރީޖަންގައިވެސް މުބާރާތް ކުރިއަށްދާނެއެވެ.

މުބާރާތް ބަހާލެވިފައިވަނީ ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަނަށެވެ. ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު ގައުމީ މުބާރާތަށް ހޮވޭއިރު، އެ ހަތަރު ޓީމަށް ގައުމީ ފުޓްސަލް ލީގުން ޖާގަ ލިބޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކްލަބު މޯލްޑިވްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތަނުގައި އެ މުބާރާތް ރާއްޖޭގެ ރަސްމީ ފުޓްސަލް ލީގަށް ބަދަލުކުރުމުގެ ވިސްނުން އެބަހުއްޓެވެ.