ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި ވީއައިއޭގެ ދައުރު ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: އެމްއޭސީއެލް
ދިވެހިރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ދައުރު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ހާމަކުރައްވައިފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ކާގޯގެ ޚިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލް ހުރިހާ ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، އުމްރާނީ ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގުމަށް ޕްލޭންތައް އެކުލަވާލަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި ޚިދުމަތުގެ ފެންވަރު މަތިކުރުން
އެއަރޕޯޓްގެ ހިންގުން ހަރުދަނާކޮށް ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކެއް ކުރަމުންދާކަން ސީއީއޯ ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، ބަޔޯމެޓްރިކް ފެސިލިޓޭޝަން އަދި ސްމާޓް ސެކިއުރިޓީ ސްކްރީނިންގ ފަދަ ޒަމާނީ ވަސީލަތްތައް ތަޢާރަފްކުރުން ހިމެނެއެވެ.
މީގެ އިތުރުން، އެއަރޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމަށްޓަކައި، ލައުންޖްތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރުކުރުމަށް އެމްއޭސީއެލް އިން ޚާއްޞަ އިސްކަމެއް ދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެއަރޕޯޓުގެ މާލީ ދެމެހެއްޓެނިވިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާގެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، އެކިއެކި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއެކު އޮންނަ ގުޅުން ދެމެހެއްޓުމަކީ ރާއްޖެ ދުނިޔެއާ ގުޅާލުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވީއައިއޭ އަކީ ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ސީއީއޯ ވަނީ ދެއްވާފައެވެ.
Ads by MACL
