ފީފާގެ އެހީއާއިއެކު ރީޖަން ލީގުތަކުގެ ޓީމްތަކުގެ ދަތުރު ޚަރަދަށް އިތުރު ފައިސާގެ އެހީތެރިކަން!
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްގެންދާ ރީޖަން ލީގުތަކުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ފައިސާގެ އަދަދު އިތުރުކުރުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެފްއޭއެމުން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ 13 ވަނަ އެކްސްކޯ ބައްދަލުވުމުގައެވެ.
އެފްއޭއެމުން މިދިޔަ އަހަރު ތަޢާރަފްކުރި އެޓޯލް ޗެމްޕިއަންޝިޕްގެ އާ ފޯމެޓުގައިވާ ގޮތުން، މިހާރު ކުރިއަށްދާ ރީޖަނަލް ލީގުގެ މެޗުތައް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މި އުސޫލުގެ ސަބަބުން ބައެއް ޓީމުތަކަށް މެޗު ކުޅެން ކަނޑުދަތުރުކުރުމާއި، އަނެއް ޓީމުތަކަށް ވައިގެ މަގުން ދަތުރުކުރަން ޖެހުމުގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. މިދިޔަ އަހަރު ފެށި މި މުބާރާތުގައި ޖުމްލަ 49 ޓީމަކުން ބައިވެރިވެފައިވެއެވެ.
ފައިސާގެ އެހީއަށް ގެނައި ބަދަލު
އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވަނީ ނޯތު ރީޖަން ލީގު، ސެންޓްރަލް ރީޖަން ލީގު އަދި ސައުތު ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ފީފާގެ އެހީތެރިކަމާއެކު ކުރިން ދިނުމަށް ހަމަޖެހިފައިވާ 90,000ރ. (ނުވަދިހަ ހާސް ރުފިޔާ) ގެ އިތުރަށް 30,000ރ. (ތިރީސް ހާސް ރުފިޔާ) ދިނުމަށެވެ. މިއާއެކު، ކޮންމެ ޓީމަކަށް ދަތުރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 120,000ރ. (އެއްލައްކަ ވިހި ހާސް ރުފިޔާ) ލިބޭނެއެވެ.
މި ބަދަލާއެކު، އެފްއޭއެމްގެ ރީޖަނަލް ލީގުގައި ވާދަކުރާ 12 ޓީމުގެ ދަތުރުފަތުރުގެ ޚަރަދު ހަމަޖެއްސުމަށް އެފްއޭއެމުން ގާތްގަނޑަކަށް 1,440,000ރ. (އެއް މިލިއަން ހަތަރުލައްކަ ސާޅީސް ހާސް ރުފިޔާ) ހޭދަކުރާނެއެވެ. މިއީ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއަރުވައި، ކްލަބްތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
Ads by MACL
