ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްކޮޑުގައި ހިމެނުނު ނަމަވެސް މެސީ ވޯލްޑް ކަޕުން ފެނިދާނެ ކަމާއި މެދު ސުވާލު އުފެދިއްޖެ!

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ

އަންނަ ޖޫން މަހުގައި އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ފެންނާނެ ކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ.

އާޖެންޓީނާގެ ވަގުތީ ސްކޮޑުން މެސީއަށް ފުރުސަތު ދިން ނަމަވެސް އޭނާ މިފަހަރުގެ މުބާރާތުން ފެނިދާނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލުކުރަމުންދާއިރު، މިކަމާ ގުޅޭގޮތުން އާޖެންޓީނާގެ ގައުމީ ޓީމުން މިހާރު ވަނީ ވަރަށް މުހިންމު ނިންމުންތަކެއް ވެސް ނިންމައިފައެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އެކުލަވާލި 55 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ކެޕްޓަން މެސީ ވަނީ ހިމަނައިފައެވެ. ނަމަވެސް، މި ސްކޮޑުގައި ހިމެނުމަކީ ފައިނަލް ސްކޮޑުން ޖާގަ ކަށަވަރުވުމެއް ނޫނެވެ. ކޯޗިން ސްޓާފުން ދަނީ މެސީގެ ފިިޓްނަސް އާއި ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

މިހާރު އޮތް އާޖެންޓީނާ ޓީމަކީ ހަމައެކަނި މެސީއަށް ބަރޯސާވެފައި އޮތް ޓީމެއް ނޫނެވެ. އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ތަށި ދިފާއުކުރަން ނުކުންނައިރު، ޖޫލިއަން އަލްވަަރޭޒް އަދި އެންޒޯ ފެނާންޑޭޒް ފަދަ ކުޅުންތެރިން ވަނީ ޓީމުގެ ޒިންމާތަކާ ހަވާލުވެފައެވެ.

ނަމަވެސް، މެސީގެ ތަޖުރިބާ އާއި ލީޑަޝިޕް އަދި މުހިންމު ވަގުތުތަކުގައި ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން އެހެން ކުޅުންތެރިއަކަށް ފޫނުބެއްދޭނެއެވެ.

ކްލަބް ލެވެލްގައި އިންޓަ މިއާމީއަށް ކުޅޭ މެސީ މިހާރު ފެންނަނީ ވަރަށް ބަލައިގެން، އޭނާގެ އުމުރާއި އަނިޔާގެ ހާލަތަށް ރިއާޔަތްކޮށް މަދު މެޗުތަކެއްގައި ކުޅޭތަނެވެ. މެސީ އަމިއްލައަށްވެސް ބުނީ އޭނާ ހުރީ ކެރިއަރުގެ ފަހު މަރުހަލާގައި ކަމަށެވެ. އެހެންކަމުން، ވޯލްޑް ކަޕް ފަދަ ވަރުގަދަ މުބާރާތެއްގެ ބުރަދަން އޭނާގެ ހަށިގަނޑަށް އުފުލޭނެތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

ޓީމާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި، ކޯޗު ސްކަލޯނީ ބަލަމުންދަނީ ޓީމުގެ ބެލެންސް ހިފެހެއްޓުމަށެވެ. މެސީ ހިމަނައިފިނަމަ އޭނާ ބޭނުންކުރާނީ މުޅި މެޗުގައި ކުޅުވުމުގެ ބަދަލުގައި، މެޗުގެ ނަތީޖާ ބަދަލުކޮށްލަންޖެހޭ މުހިންމު ވަގުތުތަކުގައެވެ. މެސީގެ ބައިވެރިވުމާ މެދު ފަހުގެ ނިންމުމެއް ނިންމާނީ އޭނާގެ ފިިޓްނަސް ހުރި ގޮތަކަށް ބަލައިފައެވެ.