ހިޔާ ޓަވަރު 8 ގެ އެޕާޓްމަންޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް
ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން ޓަވަރު އަށެއްގެ އެޕާޓްމަންޓެއްގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ޓަވަރުގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ. ނަމަވެސް، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި ދެނެގަނެވިފައެއް ނުވެއެވެ.
އަލިފާން ރޯވުމުގެ ސަބަބުން އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމީ ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓްގެ އެއް ކޮޓަރި ވަނީ އެއްކޮށް އަނދައި، ދެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގޭގައި ދިރިއުޅެމުންދިޔަ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
Ads by MACL
