ފޮރިން މިނިސްޓަރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ކަމުގެ މަގާމާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ހަވާލުވެވަޑައިގެންނެވި އިރުތިޝާމް އާދަމް، މަގާމުގެ ހައިސިއްޔަތުން ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް މިހާރު ނިއު ދިއްލީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި ރަސްމީ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގައި އިންޑިއާ އިން އަދާކުރާ މުހިންމު ދައުރު ފާހަގކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު މި ބައްދަލުވުމުގައި ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރު އިރުތިޝާމްގެ އަރިހުގައި މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކުރިން އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމު ފުރުއްވި އިރުތިޝާމް އަކީ މިހާރުގެ ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ހަލީލެވެ.
Ads by MACL
