ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތައިލެންޑުން ދިވެހިންނަށް ދޭ 60 ދުވަހުގެ ވިސާ-ފްރީ މުއްދަތު ކުރުކުރަނީ

ތައިލެންޑުން ދިވެހިންނަށް ދޭ 60 ދުވަހުގެ ވިސާ-ފްރީ މުއްދަތު ކުރުކުރަނީ

ތައިލެންޑުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ރާއްޖެ ހިމެނޭހެން 93 ގައުމަކަށް ދޭން ފެށި 60 ދުވަހުގެ ވިސާ-ފްރީ އިނާޔަތް، 30 ދުވަހަށް ކުރުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންކެޓްކާއޯ މިދިޔަ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަން ނިންމީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މިންވަރު މަދުކޮށް، އެ ގައުމުގައި ހިންގާ ކުށްތައް ކޮންޓްރޯލް ކުރުމުގެ މަގްސަދުގަ އެވެ.

މި އިސްލާހު ފާސްކުރުމަށްޓަކައި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓްރީން ކެބިނެޓަށް ހުށަހަޅާނެ ކަމަށް ބެލެވޭއިރު، އާ އުސޫލަށް އަމަލުކުރަން ފަށާނެ ވަކި ތާރީހެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. މިދިޔަ ޖުލައި މަހު ތައާރަފްކުރި 60 ދުވަހުގެ ލުޔަކީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅި ފިޔަވަޅެއް ނަމަވެސް، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފާހަގަކޮށްފައިވަނީ އެ ފުރުސަތުގެ ބޭނުން ހިފައިގެން ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ވިސާ ނެތި އެތެރެވާ ފަރާތްތަކުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ވިސާގައި ތައިލެންޑަށް އެތެރެވާ މީހުން ވެސް އުޅެނީ ކަނޑައެޅިފައިވާ މަގްސަދުގައިތޯ ބެލުމަށްޓަކައި ހިންގާ ޗެކްކުރުންތައް ކުރިއަށް އޮތް ތަނުގައި ވަރުގަދަ ކުރާނެ ކަމަށެވެ. މިއީ އެ ގައުމުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ 10އާ ހަމައަށް ތައިލެންޑަށް ޒިޔާރަތްކޮށްފައިވަނީ 12.4 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %3.43ގެ ދަށްވުމެކެވެ. އިގްތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ބަރޯސާވާ ތައިލެންޑަށް، ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު 40 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވެ އެވެ.